ގޮނޑުދޮށުން ފެށުނު ޒަމާންވީ މުއްސަނދިކަން
ކ. ގުޅީގެ ރުއްތަކުގެ ހިޔަލުގައި، އަންހެނުންގެ މަގުކަމަށް މަޝްހޫރުވެފައިވާ ސަރަހައްދެއް ދަނީ ކެރުންތެރިކަމާއި، އާ ގޮތްތައް ހޯދުމާއި، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަތައް ކިޔައިދެމުންނެވެ. މި ވާހަކައަކީ ހިތްވަރާއި ކެއްތެރިކަމުގެ ވާހަކަތަކެވެ. ދިވެހި އަންހެނުންގެ ހުނަރުވެރިކަމާއި ވިސްނުންތޫނުކަމުގެ ވާހަކަތަކެވެ. 1980 ގެ އަހަރުތަކުގައި ފެށުނު މި ދަތުރުގައި، ގުޅީގެ ހިތްވަރުގަދަ އަންހެނުން ވަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާ، އެ ގޮންޖެހުންތަކުން އަރައިގަނެ، ކާމިޔާބުކަމާއިއެކު ކުރިއަށް ގޮސްފައެވެ.
"އޭރު ހަމައެކަނި ބޮލި އެކި ވައްތަރު ވައްތަރުގެ ބޮލި ދެންފަހުން ހުޅުދެލީ، ރިނބުދޫ މީހުން އަންނަނީ ފަން ވިއްކަން އެމީހުން ހުރޭ އެންދެރި ނަގާފަ، އެގަނެގެން އަހަރެމެން ވެސް އެ އެއްޗެހި ފަހުން ވިއްކަން އަހަރެމެން އަމިއްލައަށް ޑިޒައިން ކޮށްގެން އަތުއަޅާ އެއްޗިއްސާ ފަށާއެއްޗިހި ދޯ ހަދަނީ އަމިއްލައަށް ހެދި އެއްޗެހި އެކަހަލަ އެއްޗިހި އެމީހުންނަށްމާ ކަމުދޭވިއްޔާ"
މީގެ ސާޅީހަކަށް އަހަރު ކުރިން ބޭރުގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށުމާއެކު، ގުޅީގެ އަންހެނުންގެ ވިޔަފާރިވެސް ފެށިގެންދިޔައެވެ. ފުރަތަމަ ފަތުރުވެރިން ބަނޑޮސް ރިސޯޓަށް އައިސް އެތަނުން ގުޅިއަށް އަންނަން ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި ގުޅީ އަންހެނުން ބޮލިތައް ދޮލަނގުތަކުގައި އަތުރައިގެން ގޮނޑުދޮށުގައި ތިބެ ބޮލި ވިއްކުމުގެ ވިޔަފާރި ފެށިއެވެ. ގުޅީގަ މި ވިޔަފާރިކުރާ ދައްތައެއް ބުނާގޮތުންނަމަ މި މަސައްކަތް ފަށަންޖެހުނު މައިގަނޑު ސަބަބަކީ ލިބޭ އާމްދަނީއިން ދެކޮޅުނުޖެހި އިތުރު މަސައްކަތެއްކުރަން މަޖުބޫރުވުމުންނެވެ.
"ބޮޑަށް ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭތީ ބޮޑަށް އިތުރަށް އާމްދަނީ ހޯދަން ފެށުނު މަސައްކަތެއް"
އަހަރުތައް ފާއިތުވަމުންދިޔަ ވަރަކަށް މި ވިޔަފާރިކުރާ ގޮތަށްވެސް ބަދަލުތަކެއްއައެވެ. ދޮލަނގުގައި އެއްޗެސް ވިއްކުމަށްފަހު ކުރުފައި ހުންނަ މޭޒުތަކުގައި ކަރުދާސްފޮށިތައް އަޅާ އޭގެ މަތީގައި ބޮލި ވިއްކަން ފެށިއެވެ. އަހަރުތައް ފާއިތުވެގެން ދިޔަވަރަކަށް، މި ވިޔަފާރި ކުރިއަރަމުންގޮސް މަގުމަތީގައި ސްޓޯލްތައްހަދައި އިތުރު އެއްޗެސް ވިއްކަންފެށިއެވެ. ބޮލި ވިއްކަން ފެށުނު މި މަސައްކަތް ފުޅާވެގެން ދިޔައީ ނަލަ ހުނަރުވެރި އަތްތެރި މަސައްކަތާއި، ކުލަގަދަ ފޭލިތަކާއި، ގެސްޓް އަންނައުނާއި، ރީތި ގަހަނާތައް ވިއްކާ ފޯރިގަދަ ސޮވިނިއަށ ބާޒާރަކަށެވެ. މި ފިހާރަތައް ނުވަތަ ސްޓޯލްތައް ވެގެންދިޔައީ އާމްދަނީގެ ވަސީލަތަކަށްވުމުގެ އިތުރުން، ރަށުގެ ހާއްސަ ސަގާފަތާއި އަންހެނުންގެ ވިޔަފާރީގެ ރޫހުގެ ނިޝާނެއްގޮތުގައެވެ.
ސޮވިނިއަރ އެއްޗެސް ވިއްކާ ސްޓޯލްތައް ހުންނަނީ އެރަށުގެ ފަތުރުވެރިންނަށް ހާއްސަ ބީޗް ސަރަހައްދުގައެވެ. އެތަނުގައި އެ މަސައްކަތްކުރުމަކީ ވަރަށްބުރަ ކަމަކެވެ. ގަދަ އަވީގައި މަސައްކަތްކުރުމަކީ އެ އަންހެނުންނަށް ދިމާވާ އެއް ގޮންޖެހުމެވެ. ވިޔަފާރިކުރާ އަންހެނުން ކޮންމެ ދުވަހަކު ފަތިސް ނަމާދުކޮށްގެން އައިސް އެއްޗެސް އަތުރަންފަށައެވެ. ގެއަށް ދަނީ ހަމައެކަނި ނަމާދު ގަޑިތަކަށެވެ. ގިނަ އަންހެނުންގެ ގެ ހުންނަނީ އެ ސްޓޯލްތަކާއި ވަރަށް ދުރުގައެވެ. ރޭގަނޑު ދިހައެއް ޖަހާއިރު އެއްކޮށް ނިންމާލައިފައި ގެއައްދަނީ މުދާތައް އެތަނުގައި ހުންނަ ފޮއްޓަކަށްލާ ތަޅުލާފައެވެ. މިއީ މި އަންހެންވެރިންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްކަހަލަ ގޮތަކަށް ހޭދަވާގޮތެވެ. މިހާތަނަށް ވައްކަމުގެ އެއްވެސް މައްސަލައެއް ފެންމަތިނުވާ ކަމަށް ސްޓޯލްތަކުގައި ތިބޭ އަންހެނުން ފާހަގަކުރެއެވެ. އެހެންކަމުން އެތަނުގައި އެއްޗެސް ބަހައްޓާފައިގެއަށް ދާން އެއްވެސް ޖެހިލުމެއް ނުވާކަމަށާއި އެއީ އެންމެ އުފާކުރާ ކަންތައްކަމުގައިވެސް ވިޔަފާރިކުރާ އަންހެނުން ބުނެއެވެ.
މި ވިޔަފާރި ފެށުމުގައި އަދި ކުރިއަރަމުން ދިޔައިރު ވިޔަފާރިކުރާ އަންހެނުންނަށްވަނީ ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އޭގެ ތެރޭގައި ދިގު ގަޑިތަކަކަށް މަސައްކަތް ކުރަންޖެހުމާއި، ގަދަ އަވީގައި މަސައްކަތް ކުރަންޖެހުމާއި، ގެއާއި މަސައްކަތް ކުރާ ތަނާ ދެމެދު ދަތުރުކުރަން ޖެހުމާއި، ގެސްޓުންނާ މުއާމަލާތް ކުރުމުގައި ބަހުގެ ދަތިކަން ކުރިމަތިވުމާއި ވިއްސާރަ މޫސުމުގައި ތަކެތި ހަލާކުވެ، ވައިގަދަވެ ބައެއް އެއްޗެސް ގެއްލުމަކީ އެ އަންހެނުންނަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
މީގެ އިތުރުން މާލެއިންގެންނަ ތަކެތި އަގުބޮޑުވުމާއި، ވިޔަފާރި ކުރުމަށް ހުއްދަ ހޯދުމަށް އެ ކުރަންޖެހުނު ކަންތައްތަކީވެސް އެމީހުންނަށް ދިމާވި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރިއެވެ. އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގުޅީގެ އަންހެނުން ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެންބަރުމަހު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީގައި ލިބުނު ގެއްލުންތެކެވެ. ގިނަ ސްޓޯލްތަކާއި އެތަނުގައިހުރި އަގުބޮޑު މުދާތައް ފެނުގައި ދަމައިގެން ގެންދިޔައެވެ. މި ހާދިސާގައި މުޅި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. ސުނާމީގެ ސަބަބުން ވިޔަފާރި މެދުކެނޑުނު ނަމަވެސް ގުޅީގެ އަންހެނުންވަނީ ހިތްވަރާއެކު އަލުން ތެދުވެ، އޭގެ ދެ އަހަރެއްހާ ދުވަސްފަހުން ވިޔަފާރި ފަށާފައެވެ. އެމީހުންގެ އެއްބައިވަންތަކަމާއި ވިސްނުންތެރިކަމުން ވިޔަފާރި އަލުން އާރާސްތުކޮށް އަނެއްކާވެސް ވިޔަފާރިފެށިއެވެ.
ނަމަވެސް އަނެއްކާވެސް ގުޅީގެ ވިޔަފާރިވެރިންނަށް ވަނީ އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ ގުޅިއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުމަދުވެގެން ދިއުމެވެ. މި ދަތި ދަނޑިވަޅުގައި ގުޅީގެ އަންހެން ވިޔަފާރިވެރިން ވަނީ ފަތުރުވެރިން ގެންނަން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ހޯދާ އެ މަސައްކަތްތައް ފަށާފެއެވެ. އެގޮތުން އަމިއްލައަށް ތަކެތި ފަރުމާކޮށް އުފެއްދުމާއި، އަތްތެރި މަސައްކަތުން ތަކެތި އުފެއްދުން ހިމެނެއެވެ. އަދި ގުޅިއާއި ކައިރީގައިވާ ރިސޯޓުތަކާ ގުޅުންބަދަހިކުރުން ވެގެންދިޔައީ ފަތުރުވެރިން ގުޅިއަށް ޒިޔާރަތްކުރާލެތް ގިނަވެގެން ދިޔަ ކަމަކަށެވެ. ސުނާމީ ކާރިސާއަށްފަހު މި އަންހެންވެރިން ދެއްކީ އެންމެންއެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ރީތި ނަމޫނާއެކެވެ. ސުނާމީގައި ހަލާކުވި އެމޫދޫ ފިނޮޅު މި އަންހެންވެރިން ވަނީ އެއްވެސް އަގަކާނުލާ ސާފްކޮށްދީފައެވެ. ހަމައެކަނި މި އަންހެންވެރިން އެދުނު ކަމަކީ ހަފްތާއަކު އެއްފަހަރު އެ ރަށަށް ގެސްޓުން ގެނެވޭނެގޮތް ހަދައިދިނުނެވެ. މިއީ މި އަންހެންވެރިން އެމީހުންގެ ވިޔަފާރިއަށް ކުރާ އިހްލާސްތެރި މަސައްކަތުގެ ހެއްކެކެވެ.
މި ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގުޅިފައިވާ ވިޔަފާރިއެއްކަމަށްވުމުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކުގެ އަސަރު ވިޔަފާރިއަށްވެސް ކުރެއެވެ. މިސާލަކަށް، ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރާ ދުވަސްވަރު މި ވިޔަފާރިވެސް ކުރިއަރައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އަތުވެއްޖެނަމަ، އޭގެއަސަރު މި ވިޔަފާރިއަށްވެސް ކުރެއެވެ. މިކަން ފާހަގަކޮށްލެވެނީ 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންޖެހުންތަކާއި ގުޅިގެންނެވެ. މި ދުވަސްވަރު ސޮވިނިއަށ ވިޔަފާރި ކުރާ އަންހެނުންނަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މިވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިއްމުބައެއްގެ އިތުރުން ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިއެކެވެ. އެތަނުގައި ވިއްކަން ހުންނަ ތަކެތިންވެސް އެކަން އެނގިގެންދެއެވެ.
ސޮވިނިއަށ ވިޔަފާރިން ލިބޭ އާމްދަނީއާމެދު ގިނަ އަންހެނުން ހިތްހަމަޖެހޭކަމަށް ބުނެއެވެ. ނަމަވެސް ކުރިން ރިސޯޓްތަކުން ގެސްޓުން އައި ނަމަވެސް މިހާރު އެކަހަލަ އެއްބާރުލުމެއް ނުލިބޭ ކަމަށް ބުނެއެވެ. އެއީ މިހާރު ދިމާވެފައިވާ އެއް މައްސަލައެވެ. ކުރީގައި ގިރާވަރު ރިސޯޓް، ދެވަނަފުށި، ވެލިވަރު އަދި ކަނޑޫމާ ރިސޯޓުން ގެސްޓުން އަންނައިރު މިހާރު އެ ރިސޯޓްތަކުން ގެސްޓުން ނައުމަކީ މި ވިޔަފާރުކުރާ އަންހެނުން ވަރަށް ދެރަވާކަމެކެވެ.
ސޮވެނިއަރ އެއްޗެއްސަކީ ބޮޑަށް ގެސްޓުންނަށް ހާއްސަ އެއްޗަކަށްވިޔަސް މާލެއިންނާއި ކައިރި އެހެން ރަށްރަށުން ގުޅިއަށް އަންނަ ދިވެހިންވެސް ވިޔަފާރިކުރާކަމަށް އެ އަންހެންވެރިން ބުނެއެވެ. މި ވިޔަފާރިކުރާ އަންހެނުންގެ ތެރޭގައި މެދުއުމުރުގެ އަންހެނުންނާއި، ދޮށީއުމުރުގެ އަންހެނުންވެސް ހިމެނެއެވެ. އެހެންކަމުން މި ވިޔަފާރިއަކީ އެކި އުމުރުފުރައިގެ އަންހެނުންނަށް އެމީހުންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ވަސީލަތެއްކަން ދައްކުވައިދެއެވެ.
ސޮވެނިއަށ ވިޔަފާރި ކުރާ އަންހެނުންގެ ވާހަކަތަކުން އެނގެނީ، މިއީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫންކަމެވެ. މިއީ އެ އަންހެނުންނަށް ލިބިފައިވާ މިނިވަންކަމެއްގެ ގޮތުގައި އެމީހުން ދެކޭކަމެކެވެ. މި ވިޔަފާރި ކުރުމުގެ ސަބަބުން، އެ އަންހެނުންނަށް ވަނީ އެމީހުންގެ އަމިއްލަ އާމްދަނީ ހޯދައި، އެމީހުންގެ ދިރިއުޅުމާމެދު ނިންމުންތައް ނިންމުމުގެ ބާރު ލިބިފައެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު ދައުރެއް އަދާކުރާކަމެކެވެ. ވިޔަފާރިން ލިބޭ އާމްދަނީގެ ސަބަބުން ގިނަ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރުމަތިވެ އެ އާއިލާތަކުގެ ދަރިންނަށް ރަނގަޅު ތައުލީމެއްލިބި އެ ދަރިން މުޖުތަމައުގެ ބޭނުންތެރި މީހުންގެ ގޮތުގައި ބިނާވެގެން ދިއުމުގެ ފުރުސަތު ލިބިގެންދެއެވެ.
"މި މަސައްކަތުން ލިބޭ އާމްދަނީއިން ދައްތައާއި ދައްތަގެ ދަރިފުޅު އުމްރާއަށްވެސް ދިޔައީ"
2025 ވަނަ އަހަރާ ހަމައަށް އައިއިރު، ކ. ގުޅީގައި ހުރި ސޮވިނިއަށ ފިހާރަތައް ދަނީ ކުރިއަރަމުންނެވެ. މި ސްޓޯލްތަކުން ބޭރުގެ ފަތުރުވެރިންނަށް ކަމުދާގޮތަށް އެއްޗެއްސަށް ބަދަލުގެނައިނަމަވެސް އެތަންތަނުގެ އަސްލު ރޫހު ދަމަހައްޓައެވެ. ގިނަ ފިހާރަތަކުން މިހާރު ތިމާވެއްޓާ ރައްޓެހި އަތްތެރި މަސައްކަތުން އުފައްދާފައިވާ ތަކެއްޗާއި، ރަށުގެ ސްޓައިލާއި ދުނިޔޭގެ ޓްރެންޑްތައް އެއްކޮށްލައިގެން އުފައްދާފައިވާ ޒަމާނީ ފެޝަން އައިޓަމްތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ބާވަތްތަކެއްގެ އުފެއްދުންތައް ވިއްކައެވެ. ސްޓޯލްތަކަށް އެއްޗެސް ގަންނަންދާ މީހުންނަށް ލިބޭ ތަޖުރިބާއަކީ ވަރަށް އަމިއްލަވަންތަ އިހުސާސްތަކެއް ގެނުވައިދޭ ތަޖުރިބާތަކެކެވެ.
އަދި ސްޓޯލްތަކުގަ ތިބޭ ދައްތެމެން ވިއްކާތަކެތީގެ ފަހަތުގައިވާ ވާހަކަތައް ޝައުގުވެރިކަމާއިއެކު ހިއްސާކުރެއެވެ.
ގުޅީގެ އަންހެނުންގެ ވިޔަފާރިން ދިވެހި ސަގާފަތާއި އާދަކާދަ ދެމެހެއްޓުމަށް ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަންހެނުން އުފައްދާތަކެތީގެ ތެރޭގައި ދިވެހި އަތްތެރި މަސައްކަތުގެ އެއްޗެސް ހިމެނެއެވެ. މިފަދަ ތަކެތި އުފެއްދުމާއި ވިއްކުމުގެ ސަބަބުން ދިވެހި އަތްތެރި މަސައްކަތުގެ ހުނަރު ޖީލުން ޖީލަށް ދާނީ ފޯރަމުންނެވެ. ރަށުގެ ހިތްގައިމު މާހައުލާއެކު، ސޮވިނިއަށ ބާޒާރުގެ ކުލަގަދަ މާހައުލު ގުޅިފައިވާތީ ކޮންމެ ފަހަރަކު މި އެއްޗެސް ވިއްކާ ސްޓޯލްތަކަށް ޒިޔާރަތްކުރުމަކީ ގުޅީގެ ސަގާފަތާއި ރޫހާއި ގުޅުން ބަދަހިކުރުމުގެ ފުރުސަތެކެވެ.
މި ވިޔަފާރި ދެމެހެއްޓުމަށާއި ކުރިއެރުވުމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އަދި އިތުރަށްމިކަން ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާކެޓިންގ އެހީތެރިކަން ދިނުމާއި، ރިސޯޓުތަކާއެކު ގުޅުން ބަދަހިކުރުމާއި، އޮންލައިން ވިޔަފާރިއަށް މަގުފަހިކޮށްދިނުމާއި، އުފެއްދުންތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއި އަދި މި ވިޔަފާރީގެ ސަގާފީ މުހިންމުކަން ފާހަގަކުރުން ހިމެނެއެވެ.
މި ވިޔަފާރިއަކީ ރާއްޖޭގެ މާޒީއާއި މުސްތަގުބަލު ގުޅުވައިދޭ ފާލަމެކެވެ. މިއީ ކުރީގެ ޖީލުތަކުން ފެށި މިހާރުގެ ޖީލުތަކުން ކުރިއަރުވަމުންގެންދާ އަދި ކުރިމަގުގެ ޖީލުތަކަށް ވާރުތަކޮށްދޭންޖެހޭ މުހިންމު ވިޔަފާރިއެކެވެ. މި ވިޔަފާރި ދެމެހެއްޓުމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ވިޔަފާރި ކުރާ އަންހެނުންނަކީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައިވެރިންނެވެ. އެހެންކަމުން މި އަންހެނުންގެ މަސައްކަތަށް އިހްތިރާމްކޮށް އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުމަކީ މުޅި މުޖުތަމައުއަށް ފައިދާކުރާނެކަމެކެވެ. މި ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ބައެއްގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާކަމެކެވެ. ސޮވިނިއަށ ވިޔަފާރީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފައިސާ ސީދާ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މިކަހަލަ ވިޔަފާރިތަކަކީ ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށްވެސް މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތަކެކެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ އަންހެނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ލިބި އެ ރަށްރަށުގެ އިގްތިސާދު ކުރިއަރައިގެންދެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
ކ. ގުޅީގެ އަންހެނުންގެ ސޮވެނިއަރ ވިޔަފާރިއަކީ ދިވެހި އަންހެނުންގެ ހިތްވަރާއި ކެރުންތެރިކަމުގެ ވާހަކަ ކިޔައިދޭ ރީތި މިސާލެކެވެ. މި ވިޔަފާރިއަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއްނޫނެވެ. މިއީ ދިވެހި ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިއެކެވެ. ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލައި، އޭގެން އަރައިގަނެ، މިއަދު މި ވިޔަފާރި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ބައެއްގެ ގޮތުގައި ސާބިތުވެފައެވެ. ކުރިމަގުގައި މި ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު ގުޅީގެ އަންހެނުންގެ ހިތްވަރާއި ކެރުންތެރިކަމަކީ އެކަމަށް މަގުފަހިކޮށްދޭނެ އެންމެ މުހިންމު ވަސީލަތެވެ. އަދި ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމުގައި މި ވިޔަފާރީގެ ދައުރު އެނގިގެންދެއެވެ.
"މި ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ބުނެލަންބޭނުންވަނީ މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެކޭ، ކުރަންޖެހޭގޮތަށް ކުރަން އިނގިއްޖެނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް"
ސޮވިނިއަށ ވިޔަފާރިއަކީ ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މުހިންމު ބައެކެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން ފެށުނު މި ވިޔަފާރި މިއަދާ ހަމައަށްވެސް ދެމިގެން އައިސްފައިވަނީ އެ ވިޔަފާރި ކުރާ އަންހެނުންގެ ހިތްވަރާއި ކެތްތެރިކަމުގެ ސަބަބުންނެވެ. މި އަންހެނުން ވަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލައި އެ ގޮންޖެހުންތައް ފަހަނައަޅައިގޮސް އެމީހުންގެ ވިޔަފާރި ކުރިއަރުވާފައެވެ.
މިއީ ދިވެހިންގެ ހިތްވަރާއި ކެތްތެރިކަމާއި އުފެއްދުންތެރިކަމުގެ ވާހަކަތަކެވެ.
އަދި މިއީ ދިވެހި އަންހެނުންގެ ބާރުވެރިކަމާއި ކުރިއެރުމުގެ ވާހަކަތަކެވެ. މި ވާހަކަތަކުން އަޅުގަނޑުމެންނަށް ލިބެނީ ފަހުރުވެރިކަމާއި ހިތްވަރާއި އުންމީދެވެ. އަދި މުސްތަގުބަލުގައިވެސް ދިވެހި އަންހެނުން އިތުރު ކާމިޔާބީތައް ހޯދާނެކަމުގެ ޔަގީންކަމެވެ
Comments
Post a Comment